ޔޫނުސްގެފާނު ވާހަކަ
ތަޢާރަފު
ޔޫނުސްގެފާނުގެ ވާހަކައަކީ މާތްކަލާނގެ އިސްރާއީލުގެ މީހުންނަށް އެންގެވި މަތިވެރި އެންގެވުމެކެވެ. މި ވާހަކައިގައި މިވަނީ އެކަލާނގެ ނަބީބޭކަލެއްގެ ދަރަޖަ ދެއްވައި ފޮނުއްވި ބޭކަލެއްގެ ވާހަކައެވެ. އޭރު އެކަލޭގެފާނު ހުންނެވީ ނީނަވާއަށް ވަޑައިގަންނަވައި ނަބީކަމުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ތައްޔާރަކަށް ނޫނެވެ. އެހެނީ ނީނަވާއަކީ އިސްރާއީލީންގެ ނުހަނު ހަތުރުވެރި ބަޔަކު ދިރިއުޅޭ ތަނެކެވެ. އެއީ އޭރު އައްޝޫރުގެ ވެރި ރަށެވެ. ޔޫނުސްގެފާނަށް މާތްކަލާނގެ އެންގެވީ އެރަށަށް ވަޑައިގެން އެރަށުގެ އަހުލުވެރިންނަށް އެކަލާނގެ އަންގަވާ އެންގެވުމެއް އިއްވައި ދެއްވުމަށެވެ. އެހެންނަމަވެސް އެ ޒިންމާ އުފުއްލެވުމަށް އެކަލޭގެފާނު ފަސްޖެހިވަޑައިގަތެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ނީނަވާގެ އަހުލުވެރިންނަށް ބޮޑު މުސީބާތެއް އައިސް އެރަށް ހަލާކުވެ ދިއުމަށެވެ.
މިހެންވެ އެކަލޭގެފާނު އެކަލާނގެ އެންގެވި އެންގެވުމަށް ރެކިވަޑައިގަންނަވަން އުޅުއްވީއެވެ.
މި ވާހަކައިން އެނގިގެންދާ ކަމަކީ އިސްރާއީލަކީ މާތްކަލާނގެ ޙަޟްރަތުގައި ޚާއްސަ ޤައުމެއް ކަމަށް ވިޔަސް ކޮންމެ ތަނެއްގައި އޮތް ކޮންމެ ޤައުމެއްގެ ބައެއް ނަމަވެސް ހުރިހާ އިންސާނުންނާއި މަޚުލޫޤުންނާ މެދުގައި ވެސް މާތްކަލާނގެ ރަޙުމު ކުރައްވައި އޯގާވެރިވެ ވޮޑިގަންނަވާނެ ކަމެވެ. އަދި މިވާހަކައިން ދައްކައިދެނީ މާތްކަލާނގެ އެންގެވި މުހިންމު ކަމެއް ނުކޮށް އެކަމަކާ ދުރަށް ދިޔަ މީހަކާ މެދު ކަންތައް ވެގެން ދިޔަގޮތެވެ. އަދި މިވާހަކައިން އެނގިގެންދާ އަނެއް ކަމަކީ މާތްކަލާނގެ މީހަކާ ކަމެއް ހަވާލު ކުރައްވައިފިނަމަ އެކަމެއް ކުރުމުގެ ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ލައްވާ ކަމެވެ. އަދި ހަމަ އެފަދައިން ކިތަންމެ ނުރައްކާތެރި ޙާލަތެއް މެދުވެރިވިޔަސް އެކަމުން އެމީހަކު ސަލާމަތްކޮށްދެއްވައި އެ ޒިންމާއެއް އުފުލުމުގެ ޤާބިލުކަން އެމީހަކަށް ދެއްވާ ކަމެވެ.
މި ވާހަކައިގައި މުހިންމު ދެ ހާދިސާއެއް ހިނގައެވެ.
1. އެއީ ޔޫނުސްގެފާނު މާތްކަލާނގެ އެންގެވި ކަމެއް ނުކުރައްވައި އެކަމަށް ފުރަގަސް ދެއްވައި ވަޑައިގަތުން.
2. ޔޫނުސްގެފާނު ނީނަވާއަށް ވަޑައިގެން މާތްކަލާނގެ އެންގެވި އެންގެވުން އެރަށުގެ މީހުންނަށް އަންގައި ދެއްވުމަށް ފަހު ވެސް މާތްކަލާނގެ ދެކެ ކޯފާވެ ވަޑައިގެންނެވުން. އަދި މާތްކަލާނގެ ނީނަވާގެ މީހުންނާމެދު އޯގާވެރިވެ ވޮޑިގެންނެވި ސަބަބު ޔޫނުސްގެފާނަށް އަންގަވައި ދެއްވި ގޮތް.
މި ވާހަކައިގެ ފުރަގަހުގައި ހިމެނިފައިވީ އަނެއް ކަމަކީ ބަޔަކު ކިތަންމެ ބޮޑު ކުށެއްކުރަމުން ދިއުމަށް ފަހު ވެސް މާތްކަލާނގެ ކިބަފުޅަށް އެނބުރި އެކަމުން ރުޖޫޢަވެ އަލުން އެކަންތައް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅައިފިނަމަ މާތްކަލާނގެ އެ ބަޔެއްގެ އަޑު އައްސަވައި އެބަޔަކަށް ކުރިމަތި ކުރެއްވުމަށް ނިންމަވާފައިވާ މުސީބާތެއް ވެސް ފޮނުއްވުން ހުއްޓަވާލައްވަފާނެ ކަމެވެ. ނީނަވާއަކީ އިސްރާއީލުގެ ޤައުމަކަށް ނުވެއެވެ. އެ ރަށަށް ކޮންމެ ފަދަ މުސީބާތެއް ކުރިމަތިވިޔަސް އެކަލޭގެފާނަށް ހެވެވެ. އެހެންކަމުން އެ އެންގެވުމަށް ފުރަގަސް ދެއްވައި ވަޑައިގެންނެވީއެވެ. އެހެންނަމަވެސް މާތްކަލާނގެ އެކަލޭގެފާނު ސަލާމަތް ކުރެއްވީ ހިތަށް ވެސް ގެންނަން އުނދަގޫ ފަދަ ގޮތެއްގައެވެ. އެކަލާނގެ ކުޅަދުންވަންތަކަން ދައްކުވައިދޭ ފަދަ އިބުރަތްތެރި ގޮތެއްގައެވެ. އެކަލާނގެ އަމުރުފުޅު ހިންގަވާ މަތިވެރި ރޭއްވެވުން މި ވާހަކައިން އެނގިގެން ދެއެވެ. އެކަލާނގެ މީސްތަކުންނަށް ކަންކަން އަންގަވާ ގޮތާއި އަދި އެ އެންގެވުމާއި އެއްގޮތަށް ކިޔަމަންތެރިކަމާއެކު ކަންކަން ކުރާ މީހުންނަށް ދެއްވާ މަތިވެރި ނިޢުމަތް މި ވާހަކައިން ފެނިގެން ދެއެވެ.