ބުއްދިއާއި އަޚުލާގު
2
‏1 ދަރިފުޅާއެވެ!
އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ.
‏2 ވިސްނުންތެރިކަން އަންގައިދޭ ބަސްތަކަށް ކަންދީ ސަމާލުވެ އަޑުއަހަމުން ގެންދާށެވެ.
‏3 އާނއެކެވެ!
އިލްމަށް ސަލާންޖަހާށެވެ.
ހިލްމަށް އެދި އާދޭސް ކުރާށެވެ.
‏4 ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ.
އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ.
‏5 އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ.
އޭރުން މާތްﷲގެ އިލްމުން އިލްމު ދަސްވާނެއެވެ.
‏6 ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ.
ހަމަވިސްނުމާއި އިލްމު ލިބެނީ ވެސް އެފަރާތްޕުޅުންނެވެ.
‏7 ޞާލިޙު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ.
‏8 އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ.
އަދި އެކަލާނގެއަށް ވަފާތެރިކަންމަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ.
‏9 އަހަރެންގެ މިބަސްތައް އަހައިފިނަމަ،
ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ.
އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.
‏10 އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ.
އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.
‏11 ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.
‏12 އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ.
އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.
‏13 އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުން ދާ މީހުންނެވެ.
‏14 އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ.
އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ.
‏15 އެމީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ.
އެމީހުން ކަންތައް ކުރާނީ ހިތަށް އެރިހާ ނުބައި ގޮތަކަށެވެ.
‏16 ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.
‏17 އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްﷲ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ.
‏18 އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ.
‏19 އޭނާއަށް ޒިޔާރަތް ކޮށްފި މީހާ ގެއްލި ހަލާކުވީއެވެ.
ކަލޯއަކަށް ދިރިހުރުމެއް އަނބުރާ ނުލިބޭނެވެ.
‏20 ވީމާ ރަނގަޅު ޞާލިޙުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ.
‏21 އެހެނީ ޞާލިޙު ތެދުވެރިން ވާނީ އަހަރެމެންނާއެކު މި ބިމުގައެވެ.
އެމީހުންނަކީ އިތުބާރު ކުރެވޭ ބައެކެވެ.
‏22 ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ.
މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.