ހަރުބަސްތައް
1
‏1 މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ.
‏2 ހަރުބަސްތަކަކީ މީހާގެ ބުއްދި ތަނަވަސްކޮށްދީ ނަފްސުގެ ކޮންޓްރޯލް ހިފެހެއްޓުމަށް އެހީތެރިވެދޭ ވަސީލަތެކެވެ.
އަދި މީގައިވާ ފުން މާނަތަކުގައި ގިނަގުނަ ނަސޭހަތްތަކެއް އެކުލެވިފައި ވެއެވެ.
‏3 މި ހަރުބަސްތަކުން ދުރުވިސްނި ހެވާއި ނުބަޔާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ.
‏4 މިބަސްފުޅުތަކުން ތަންދޮރު ނުދަންނަ މީހަކު ވެސް އިލްމުހުރި މީހަކަށް ވެދެއެވެ.
އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކަންތައް ގެންދާނެ ހުޝިޔާރު ގޮތްތައް ދަސްވެދެއެވެ.
‏5 ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ.
ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.
‏6 ހަރުބަހުން މީހުން ބުނެއުޅޭ މާނަ ފުން ބަސްތައް ދެނެގަނެވެއެވެ.
އަދި އޮޅުންނުފިލާ އަރަތެއް ފަދަ ބަސްތައް ފަހުމުވެދެއެވެ.
‏7 އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ.
ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.
ނުބައި ރަޙުމަތްތެރިންނާ ގުޅުމުގެ ނަތީޖާ
‏8 ދަރިފުޅާއެވެ!
ބަފާ ބުނާ ބަސް އަހާށެވެ.
އަމާ ދައްކާމަގުން ހިނގާށެވެ.
‏9 އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ.
އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ.
‏10 ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ.
‏11 އެމީހުން ބުނެފާނެއެވެ.
”އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ!
‏12 އެމީހުން މިއަދު އެތިބީ ގަދަވެ ހެޔޮ ހާލުގައެވެ.
އެކަމަކު އަހަރެމެން ކުރާކަންތައް ކޮށްނިމޭއިރު އެމީހުން ތިބޭނީ ކަށްވަޅުގައެވެ.
‏13 އެމީހުންގެ އަގުބޮޑުތަކެތި ފޭރިގަނެ އަހަރެމެން ގެޔަށް ގެންދާނީއެވެ.
‏14 ކަލޭ އަހަރެމެންނާ ބައިވެރިވެއްޖެނަމަ ކަލެއަށް ވެސް ބައި އަޅާދޭނަމެވެ.“
‏15 ދަރިފުޅާއެވެ!
އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ.
އެމީހުންނާ ދުރުހެލިވާށެވެ.
‏16 އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ.
އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.
‏17 ދޫނިތައް ބަލަންތިއްބާ މަޅިޖެހުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟
‏18 އެމީހުން އެއްބައިވެގެން ގޮސް މީހަކު މަރާލައެވެ.
އެކަމަކު އެންމެފަހުން އެމަޅީގައި ޖެހޭނީ ވެސް އެމީހުންނެވެ.
‏19 ވަގު މުދަލުގެ ފަހަތުން އުޅޭ މީހުންނަށް އެންމެ ފަހުން ޖެހޭނީ އެމީހުންގެ ދިރިއުޅުމުން އަތްދޮވެލާށެވެ.
ބުއްދީގެ ގޮވެލިފަތި
‏20 މީހުން އެއްވާ ކޮންމެ ތަނެއްގައި ބުއްދީގެ ކަމަނާ ހަޅޭއްލަވަމުން ހިނގާނެއެވެ.
‏21 އެކަމަނާގެ އަޑު ބާޒާރު މަތީގައިއާއި ރަށްރަށުގެ ބޮޑުދޮރާށި ދޮށުންނާއި މައިދާންތަކުން އިވޭނެއެވެ.
‏22 ”އޭ މޮޔައިންނޭވެ!
ކަލޭމެން ތިޔަ މޮޔަކަންމަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟
‏23 ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ.
އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ.
އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.
‏24 އެހެނަސް ކަލޭމެން ތިޔަވަނީ އަހަރެންގެ ނަސޭހަތްތަކަށް ފުރަގަސްދީ އެ އަޑަށް ސަމާލުކަމެއް ނުދީއެވެ.
‏25 އަހަރެން މިދޭ އިންޒާރުތަކަށް ކަލޭމެން އަޅައެއް ނުލައެވެ.
އަހަރެން ދޭ ނަސޭހަތުގެ އަޑެއް ނޭހިއެވެ.
‏26‏-27 ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ.
‏28 ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ.
އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ.
ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ.
އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ.
‏29 ކަލޭމެންނަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ.
އެހެނީ ކަލޭމެން ތިޔަ ތިބެނީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޑަވެސް ބިރެއް ނެތިއެވެ.
‏30 އަހަރެން ދޭ އިންޒާރުތަކުގެ އަޑު ނާހައި ކަލޭމެން ދިނީ ބީރު ކަންފަތެކެވެ.
‏31 އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެވެ.
‏32 ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ.
ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ.
‏33 އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ.
ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“