ހަރުބަސްތައް
ތަޢާރަފު
މިފޮތުގެ ނަމަކަށް ހަރުބަސްތަކޭ ކީފައި ވަނީ މިފޮތުގައި ހިމެނެނީ ދާއޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ވިދާޅުވެފައިވާ ހަރު ބަސްފުޅުތައް ކަމަށްވާތީއެވެ. މި ފޮތަކީ ބުއްދިވެރި ބަސްތަކުގެ ފޮތެއްގެ ގޮތުގައި ވެސް ލިޔެވިފައިވެއެވެ.
ސުލައިމާނުގެފާނު އުޅުއްވި ކަމަށް ބެލެވިފައި ވަނީ އީސާގެފާނު ވަޑައިގަތުމުގެ ދިހަވަނަ ގަރުނުގެ ކުރީގައެވެ. މި ފޮތުގައި ސުލައިމާނުގެފާނުގެ ބަސްފުޅުތަކުގެ އިތުރުން ޔާކާގެ ދަރި އަޖޫރު ލިއުއްވި ބަސްފުޅުތަކާއި ލަމޫއީލް ރަސްގެފާނު ވިދާޅުވި ބަސްފުޅުތައް ހިމެނިފައިވެއެވެ. އަދި ހަމަ އެހެންމެ ލަމޫއީލްގެ މަންމާފުޅު ވިދާޅުވި ބައެއް ބަސްފުޅުތައް ވެސް ފަހުބައިގައި ހިމެނިފައިވެއެވެ.
ޢިބްރާނީ ބަހުން މި ބަސްފުޅުތައް ލިޔެވިފައިވާ އިރު ވަނީ ޅެންވެރި ކަމުގެ ހަމަތަކާއި ވަޒަންތަކަށް ވެސް ފައްތާފައެވެ. މި ފޮތް ދިވެހިބަހުން ލިޔުމުގައި ޢިބްރާނީގެ އާދަކާދަތަކާއި ބަސްމަގު ހުންނަ ގޮތުގެ ތަފުސީލުތަކަށް ވުރެން މި ބަސްފުޅުތަކުން ލިއްބައިދޭ އިރުޝާދުތަކާއި އިބްރަތަށް އިސްކަން ދީފައިވެއެވެ.
މިފޮތުގެ މަގުސަދަކަށް ވެފައި ވަނީ މީހާގެ އުޅުމާއި އަޚުލާގުގެ ރަނގަޅު ބިންގަލެއް އަޅައިދިނުމެވެ. އެގޮތުން ވަކިން ޚާއްސަކޮށް ޒުވާނުންނަށް ކާމިޔާބު ދިރިއުޅުމަކަށް މަގުދައްކައި ދިނުމެވެ. އެހެންކަމުން ވިސްނުންތެރިކަމަށް ބާރު އަޅައި ތަމްރީނާއި ތަރުބިއްޔަތުގެ މަގުން މީހާ އިސްލާހު ކުރުމަށް އެތައް ބަސްފުޅެއް ތަކުރާރު ކުރެވިފައިވެއެވެ. އަދި އެތަކެއް މިސާލު ބަސްތަކާއި އަމުރުފުޅުތައް އެކުލެވިފައިވެއެވެ. ވަކީން ޚާއްސަކޮށް ޒިނޭކުރުން ފަދަ ފާފަ ތަކާ މީހާ ދުރުހެލި ކުރުވުމުގެ ގޮތުން ތަކުރާރުކޮށް އެތައްތަނެއްގައި އެތައް ގޮތަކަށް އެވާހަކަތައް ލިޔެވިފައިވެއެވެ. ހަމަ އެފަދައިން ތެދުވެރި ވުމަށް ބާރު އެޅުމަށާއި އިންސާފުން ކަންތައް ކުރުމަށާއި ފަޤީރުންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް އިރުޝާދު ދެއްވާފައިވާ ވަރަށް ގިނަ ބަސްފުޅުތައް ހިމެނިފައިވެއެވެ.
މި ފޮތުގައި އެކުލެވޭ މައިގަނޑު ޙިކުމަތަކީ މާތްރަސްކަލާނގެއަށް ބޯލަނބައި ބިރުވެތިވުމެވެ. ވިސްނުމެއްނެތި ހިތުހުރިގޮތަކަށް އުޅޭ އުޅުމަކީ މޮޔައިންގެ ސިފައެއްކަން ވަރަށް ރަނގަޅަށް ބަޔާންކޮށް ދީފައިވެއެވެ. މީހާގެ ކިބައިގައި ހުންނަން ޖެހޭނެ މާތްކަމާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ރަޙުމާއި މިފަދަކަންތަކަށް މީހާ ހޭލައްވައި އެފަދަ ކަންތައް ކުރުމަށް ބާރުއަޅާފައި ވެއެވެ.
އަދި ފާފަވެރިކަމާއި ނުބައި ނުލަފާކަމާއި ދޮގުހެދުމާއި މަކަރުވެރި ރޭވުންތަކުން މީހާއަށް ލިބިދާނެ ގެއްލުންތައް ސާފު ޢިބާރާތުން ބަޔާން ކޮށް ދެއްވާފައިވެއެވެ. އިލްމާއި ދެނެގަތުމުގެ މުހިންމު ކަމާއި ހެޔޮ ނަސޭހަތް އަޑު އަހައި އެއަށް ތަބާވުމުން ލިބޭނެ ފައިދާއާއި އިނާމު ބަޔާންކޮށް ދެވިފައިވެއެވެ. މި ބަސްތަކުން ދޭހަވާ މައިގަނޑު އެއްކަމަކީ މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ތެދުވެރި ހެޔޮ އިންސާފުވެރި އޯގާވެރި ރަޙުމު ހުންނަ އަމަލުތައް ކުރުމުންކަމެވެ. އަދި ހަމަ އެހެންމެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިންބަފައިންނަށް ބާރު އަޅުއްވައި އަދި ދަރިން މައިންބަފައިންގެ ބަސްއެހުމުގެ މުހިންމު ކަން ވެސް މި ބަސްފުޅުތަކުގައި އެކުލެވިފައިވެއެވެ. މި ނަސޭހަތްތައް އާންމުގޮތެއްގައި ފިރިހެން ދަރިއަކަށް މުޚާތަބު ކޮށްފައިވިޔަސް ފިރިހެންދަރިންނާއި އަންހެންދަރިންނާ ދެމެދަކު ފަރަގު ކުރުމެއް ނުވެއެވެ. އަދި މި ނަސޭހަތްތަކުގައި އަރައިރުންވުމާއި ހަމަ ނުޖެހުން އުފެއްދުމުގެ ނުރައްކަލުގެ ވާހަކަވެސް ބަޔާން ކޮށް ދެއްވާފައިވެއެވެ.
މީގެ އިތުރުން މުސީބާތުގެ ވަގުތުގައި މާތްކަލާނގެއަށް ވަކީލު ކުރުމާއި ކޮންމެ ކަމެއްގައި އެކަލާނގެ ކިބަފުޅުން ވާގިއެދުމުގެ މުހިންމުކަން ދަސްކޮށްދެއްވާފައި ވެއެވެ. ބޮޑާވެގަތުމާއި، ބާވައިލެއްވި ބަސްފުޅުތަކަށް އިންކާރުކޮށް ދެކޮޅުވެރިވެގަތުމުގެ ސުންޕާކަން އަންގަވާދެއްވާފައި ވެއެވެ. އަންހެނާގެ ކިބައިގައި ހުރެދާނެ ނޭދެވޭ ސިފަތަކާއި ރަނގަޅު އަންހެނެއްގެ ކިބައިގައި ހުންނަންވާނެ ރަނގަޅު ސިފަތައް ބަޔާން ކޮށް ދެވިފައިވެއެވެ. ކަންނެތްކަމާއި ބުރަމަސައްކަތާ ދެމެދުގައިވާ ތަފާތާއި ގެއްލުމާއި ފައިދާތަކަށް އިޝާރާތް ކުރެވިފައިވެއެވެ. މީގެ އިތުރުން ވެރިންގެ ކިބައިގައި ހުންނަންވާނެ އަދުލުވެރިކަމާއި ހަމަހަމަ ކަމާއި ރަޙުމާއި އޯގާވެރިކަން ވެސް ބަޔާން ކުރެވިފައިވެއެވެ. ހައިހޫނުކަމާއި މުއްސަނދި ކަމުގެ ފަރަގާއި، މިފަދަ އެތައް ކަންތަކެއް ޅެން ބައިތުތަކަކުން ކިޔާދެއްވައި ވިސްނާމީހަކަށް އިބްރަތް ލިބިގަނެވޭނެ އެތައް ނަސޭހަތްތަކެއް މި ފޮތުގައި އެކުލެވިފައި ވެއެވެ.
އެހެނީ މި ފޮތުގައި ހިމެނޭ ނަސޭހަތާއި އިރުޝާދުތަކާއި އިބްރަތްތަކީ މީހާއަށް ރައްކާތެރިކަމާއި ތަނަވަސްކަމާއި ދިގު އުމުރެއް ގެނެސްދިނުމަށް މަގުދައްކަވާ އަގުހުރި ބަސްފުޅުތަކެކެވެ.