3
‏1 ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ. ‏2 ޢާލީ ވަނީ ލޯ އަނދިރިވެ ފެނުން ގެއްލެން ކައިރިވެފައެވެ. އެއްރެއަކު އޭނާގެ ކޮޓަރީގައި ނިދަން އޮށޯވެ އޮތެވެ. ‏3 އޭރު އަދި މާތްރަސްކަލާނގެ ގެކޮޅުގެ ބައްތި ވެސް ނުނިވެއެވެ. ޞަމޫއީލް މާތްރަސްކަލާނގެ ގެކޮޅުގައި ހުރި ޢަހުދުނާމާ ފޮށިކޮޅު ކައިރީގައި ތަންމަތި އަޅައިގެން އޮށޯވެ އޮތެވެ. ‏4 އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”އަޅުގަނޑު ހާޒިރުވެ ހުރިން.“ ‏5 ދެން ޞަމޫއީލް ދުވެފައި ޢާލީގެ ކޮޓަރިއަށް ދިޔައެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ އައިސް މިހިރީ.“ ޢާލީ ޖަވާބުގައި ބުންޏެވެ. ”އަހަރެން ކަލެއަކަށް ނުގޮވަން. ދޭ، ގޮސް އޮށޯވޭ.“ މިހެން ބުނުމުން އޭނާގޮސް އޮށޯވެއްޖެއެވެ. ‏6 ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.“
”ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.“
‏7 ޞަމޫއީލަށް މިހާތަނަށް މާތްރަސްކަލާނގެއާ ގާތް ގުޅުމެއް އުފެދިފައެއް ނުވެއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް ބަސްފުޅު ވަޙީ ކުރައްވާފައެއް ވެސް ނުވެއެވެ. ‏8 ތިންވަނަ ފަހަރު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވުމުން ވެސް އޭނާ ދިޔައީ ޢާލީގެ ގާތަށެވެ. ”އަޅުގަނޑު އައިސް މިހިރީ ކަލޭގެފާނު ގޮވާލެއްވީމާ.“
ޢާލީއަށް އެއީ މާތްރަސްކަލާނގެ ގޮވާލައްވަނީކަން އެނގިއްޖެއެވެ. ‏9 އޭނާ ބުންޏެވެ. ”ގޮސް އޮށޯވޭ. ކަލެއަށް މާތްރަސްކަލާނގެ އަލުން ގޮވާލައްވައިފި ނަމަ ދަންނަވާ. ’މާތްރަސްކަލާނކޮ! މިއަޅާއަށް ބަސްފުޅު ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.‘“ ދެން ޞަމޫއީލް ގޮސް ނިދަން އޮށޯވެއްޖެއެވެ. ‏10 މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”ޞަމޫއީލް! ޞަމޫއީލް!“ ޞަމޫއީލް ދެންނެވިއެވެ. ”ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.“ ‏11 ”ތިމަންކަލާނގެ ދާދި އަވަހަށް އިސްރާއީލުގެ މީހުން ސިހޭ ވަރުގެ ކަމެއް ކުރައްވާނަން. ‏12 ތިމަންކަލާނގެ މީގެ ކުރިން ވެސް އިންޒާރު ދެއްވާފައި ވާނޭ ފަދައިން ޢާލީގެ އާއިލާއާއި މެދު ފެށުނީއްސުރެ ނިމެންދެން އަދުލު އިންސާފު ގާއިމު ކުރައްވާނަން. ‏13 ތިމަންކަލާނގެ އޭނާގެ އާއިލާއަށް އަބަދުގެ އަބަދަށް ނިޔާކަނޑައަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިން. އެހެނީ ޢާލީގެ ދަރިން އެދަނީ ތިމަން ކަލާނގެއާ މެދު އިހާނާތްތެރި ވަމުން. އެކަން އޭނާއަށް ވެސް އެނގޭ. އެކަމަކު ޢާލީ އެކަން މާބޮޑު ކަމަކަށް ނުހެދި. ‏14 އެހެންކަމުން ތިމަންކަލާނގެ ވަޢުދު ބަސް ބުނަން. ’އެމީހުން ކުރާ އެއްވެސް ޤުރުބާނީއަކުން ނުވަތަ ކުރާ ވެދުމަކުން އެ އާއިލާގެ ކުށްތަކުން ބަރީއަ ވެއެއް ނުގަނެވޭނެ.‘“ ‏15 ޞަމޫއީލް ފަތިސް ވަންދެން އެނދުގައި އޮތެވެ. އޭނާ ތެދުވެ ގެކޮޅުގެ ދޮރު ހުޅުވައިފިއެވެ. އޭނާ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި ވާހަކަފުޅު އައިލީ ގާތު ބުނަން އޭނާ ޖެހިލުންވިއެވެ. ‏16 އެހެނެއް ކަމަކު ޢާލީ ގޮވާލިއެވެ. ”ދަރިފުޅާ ޞަމޫއީލް!“ ޞަމޫއީލް ޖަވާބު ދިނެވެ. ”އާދެ، ސާހިބާ!“ ‏17 ”ކީކޭތަ މާތްރަސްކަލާނގެ އެންގެވީ؟“ ޢާލީ އެއްސެވެ. ”އެކަލާނގެ އެންގެވި އެއްވެސް ކަމެއް މަށަށް ފޮރުވައިފި ނަމަ ﷲ ކަލޭގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.“ ‏18 ދެން ޞަމޫއީލް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޢާލީ ބުންޏެވެ. ”އެއީ މާތްރަސްކަލާނގެ! އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތަކަށް އެ ކަމެއް ހިންމަވާފާނެ.“ ‏19 ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ. ‏20 އިސާހިތަކު ދާނުން ފެށިގެން ބިއުރުސަބްޢަ އާ ދެމެދުގައިވާ ހުރިހާ އިސްރާއީލުގެ މީހުންނަށް ޞަމޫއީލް ނަބީބޭކަލަކަށް ވެއްޖެކަން އެނގިއްޖެއެވެ. ‏21 ޝީލޫހުގައި މާތްރަސްކަލާނގެ ޞަމޫއީލަށް ފެނިދެނިވެ ވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ސީދާ ޞަމޫއީލަށް ބަސްފުޅު ވަޙީކުރައްވަމުން ގެންދެވިއެވެ.